ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިއަދު ފޮނުއްވައިފިއެވެ.

މިމައްސަލައިގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، “މެރިޓައިމް ލޭބަރ ކޮންވެންޝަން 2006” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ އާއި “އޯގަނައިޒޭޝަން ފޮރ ދަ ނެޓްވަރކް އޮފް އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް” (ނާކާ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލައާއި “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” (ސަޕްލިމެންޓިންގ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރެއްވުމަށްވަނީ މައްސަލައާގުޅޭ ދާއިމީ ކޮމިޓީތަކަށް ފޮނުއްވާފައެވެ.

މިގޮތުން “މެރިޓައިމް ލޭބަރ ކޮންވެންޝަން 2006” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޤައުމީ ތަރައްޤީގެ ކޮމިޓީއަށެވެ. “އޯގަނައިޒޭޝަން ފޮރ ދަ ނެޓްވަރކް އޮފް އެކްއަރކަލްޗަރ ސެންޓަރސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް” (ނާކާ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ. އަދި “އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕާރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން” (ސަޕްލިމެންޓިންގ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

3 ޑިސެމްބަރު 2013