23 ޑިސެމްބަރ 2013 ގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމަވައިފިނަމަ 29 ޑިސެމްބަރ 2013 ވާ އާދީއްތަދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރުމަށް ގަސްދު ކުރައްވާކަން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަތައް 23 ޑިސެމްބަރ 2013 ގެ ކުރިން އެކޮމިޓީން ނިންމަވައިފިނަމަ 29 ޑިސެމްބަރ 2013 ވާ އާދީއްތަ ދުވަހު ބާއްވަވާ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރައްވަން ގަސްދުކުރައްވާ ކަމުގައި މަޖިލީހުގެ މެންބަރުންނަށް، މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަންގަވައިފިއެވެ.

މިއަދު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި މަޖިލީހުގެ ރައީސްވަނީ 23 ޑިސެމްބަރ 2013 ގެ ކުރިން އެމައްސަލަތައް ނިންމަވައިދެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ދަންނަވާފައިވާ ކަމުގައިވެސް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްވަނީ މިއަދު އެކޮމިޓީއަށްވެސް ސިޓީ ފޮނުއްވައި އެވާހަކަ ދަންނަވާފައެވެ.