ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 10 ދުވަހުގެ ފުރުޞަތެއް އެޓަރނީޖެނެރަލްގެ އޮފީހަށް ދެއްވުމަށް ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން މިއަދު ނިންމައިފި

_CHR4055 މިއަދު ބޭއްވުނު ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ކޮމިޓީއިން މިހާރު ދިރާސާކުރައްވާ ނިންމަވާފައިވާ ބިލުގެ އެންމެ ފަހުގެ ދެލި ކޮޕީ އިތުރަށް މުރާޖަޢާކުރައްވަން އެޓަރނީޖެނެރަލްގެ އޮފީހުން އެދިވަޑައިގަންނަވާފައިވާތީ، އެކަމަށް 10 ދުވަހުގެ މުހުލަތެއް ދެއްވުމަށް އެކޮމިޓީން ފާސްކުރެއްވިއެވެ.

އެގޮތަށް އެކޮމިޓީން ނިންމެވީ، މިބިލަކީ ވަރަށް ގިނަދުވަސްތަކެއް ވަންދެން ދިރާސާކުރެއްވެމުންދާ ބިލަކަށްވެފައި، އަދި އެ ކޮމިޓީން މި ބިލު ދިރާސާކުރައްވަމުން ގެންދެވިއިރު، ބިލާގުޅުންހުރި އެކިއެކި ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުން ހުށަހަޅުއްވާފައިވާ ކޮމެންޓްތަކާއި އިސްލާހުތައް އެކޮމިޓީއިން ބަލައިގެންފައިވާ ބިލަކަށްވެފައި، އެބިލަށް އެކިފަހަރު މަތިން އެޓަރނީޖެނެރަލްގެ އޮފީހުންވެސް  ހުށަހަޅުއްވާފައިވާ އިޞްލާޙުތަކުގެ ތެރެއިން 90 އިންސައްތަ އަށްވުރެ ގިނަ އިޞްލާޙުތައް ބަލައިގަނެ، އެއިޞްލާޙުތައް ކޮމިޓީން ބިލުގައި ހިމަނުއްވާފައިވާތީއާއި، އަދި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މިބިލުގެ މަސައްކަތް ނުނިމިއްޖެނަމަ، މިބިލު ޤާނޫނަކަށްވުމުގެ ފުރުޞަތު ގެއްލިގެންދާނެތީއާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލުން މިބިލުގެ މަސައްކަތް ފަށައިގެން ކުރަންޖެހިދާނެތީ، އެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަސް މުސްތަޤުބަލެއްގައި ނިންމެވުމަށްޓަކައެވެ. އަދި މިބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން މިބިލުގެ މަސައްކަތަށް ކޮމިޓީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.