ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު މައްސަލައިގައި ސޮއި ކުރައްވާފައިވާ 15 މެންބަރުންގެ ތެރެއިން ދެ މެންބަރަކު އެމައްސަލަ ކުރިއަށް ގެންދަވަންބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ސިޓީ ފޮނުއްވުމާ ގުޅިގެން އެމައްސަލައިގެ ސައްޙަކަން ގެއްލުމުގެ ސަބަބުން އެމައްސަލައިގެ ބަޙްސް ރިޔާސަތުން ނިންމަވާލައްވައި އިތުރަށް އެމައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމަވައިފި

Jalsa (3)

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު މައްސަލައިގައި  ސޮއި ކުރައްވާފައިވާ 15 މެންބަރުންގެ ތެރެއިން ދެ މެންބަރަކު އެމައްސަލަ ކުރިއަށް ގެންދަވަންބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ސިޓީ ފޮނުއްވުމާ ގުޅިގެން އެމައްސަލައިގެ ސައްޙަކަން ގެއްލުމުގެ ސަބަބުން އެމައްސަލައިގެ ބަޙްސް ރިޔާސަތުން ނިންމަވާލައްވައި އިތުރަށް އެމައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ގަވާއިދުގެ 175 (ބ)ގެ ދަށުން ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް މިގޮތަށް ނިންމަވާފައިވަނީ މައްސަލަ ހުށަހެޅުއްވި 15 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް އާއި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އެމައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މައްޗަށް ހުށަހަޅާ އިތުބާރުނެތްކަމުގެ މައްސަލައިގައި މަދުވެގެން 15 މެންބަރުން ސޮއި ކުރައްވާފައި އޮންނަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލަ އިތުރަށް ކުރިޔަށް ނުގެންދެވޭނެކަމަށް ރިޔާސަތުން އިޢްލާން ކުރެއްވިއިރު، މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ޅ) ގެ ދަށުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ޖަވާބުދެއްވުމަށް 10 މިނެޓްގެ ވަގުތުކޮޅެއް މިއަދުގެ ޖަލްސާގައިވަނީ ދެއްވާފައެވެ. އަދި އިތުރު 4 މެންބަރަކު ބަހުސް ގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގެ 175 (ނ) ގައިވާގޮތުގެމަތީން މިމައްސަލައިގެ ނޯޓިސް މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދެއްވާފައިވަނީ 31 އޮކްޓޯބަރ 2013 ގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ނޮވެންބަރު 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

21 ނޮވެންބަރު 2013