މާލިއްޔަތު ކޮމިޓީގެ 55 ވަނަ ބައްދަލުވުން ބާއްވައިފި

މިރޭ ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 55 ވަނަ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެގުމަށް ހުށަހެޅި ލޯނުތަކުގެ ތެރޭގައި ހިމެނޭ  2500000 (ދެމިލިއަން ފަސްލައްކަ) ޔޫރޯގެ “މާލޭ ފޯރތް ޕަވަރ ޕްރޮޖެކްޓްގެ ސަޕްލިމެންޓަރީ ލޯނު ފުރިހަމަ މަޢުލޫމާތު ހިމެނޭ ޑްރާފްޓް އެގްރީމެންޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 28 ޖުލައި 2013ގައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ،  މި މައްސަލައާއި މެދު މަޝްވަރާކުރެއްވިއެވެ. އަދި ނިންމަވާފައިވަނީ 2013 ވަނަ އަހަރު ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތައް އަލަށް އިންތިޚާބުކުރެވުނު ސަރުކާރުން ނަންގަވަން ބޭނުންފުޅުތޯ ނުވަތަ ނޫންތޯ އާއި އަދި ލޯނުތައް ނަންގަވަން ބޭނުންފުޅުވާނަމަ އިސްކަންދެއްވާނެ ތަރުތީބު ލިޔުމުން އަންގަވައި ދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީ ފޮނުއްވުމަށެވެ.

އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2014 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުން ކުރިއަށް ގެންދެވުމަށްޓަކައި ތިން މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލާލެއްވިއެވެ. މި ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ތާއީދުކުރެއްވުމުން ސަބް-ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު ހަމަޖެއްސެއްވިއެވެ. އަދި ސަބް-ކޮމިޓީގެ މަސައްކަތް ދެ ދުވަސް ތެރޭގައި ނިންމުމަށްވެސް ނިންމެވިއެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް، އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.

19 ނޮވެމްބަރ 2013