މަޖިލީހުގެ ރިޔާސަތު ބަލެހެއްޓެވުމަށް ކަނޑައަޅުއްވާ ފަސް މެންބަރުންގެ ތެރެއަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހަމަޖައްސަވައި އެކަން މިއަދު ޖަލްސާގައި އިޢްލާން ކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާއި (ނ)ގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލެހެއްޓެވުމަށް ކަނޑައަޅުއްވާ ފަސް މެންބަރުންގެ ތެރެއަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހަމަޖައްސަވައި އެކަން މިއަދު ޖަލްސާގައި އިޢްލާން ކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ތެރެއިން މުލަކު ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ މެންބަރު ކަމުން އިސްތިޢުފާ ދެއްވާފައިވާތީއެވެ.

މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ރިޔާސަތު ބަލަހައްޓަވާ މެންބަރުން ކަނޑައެޅުއްވުމުގައި ބަލަންޖެހޭނީ މަޖިލީހުގެ އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މެންބަރުންނެވެ.

އެގޮތުން 3 މެންބަރެއްގެ މުއްދަތު ގުނުމުގައި ހަމަހަމަވެފައިވާތީ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢުމުރުން އެންމެ ދޮށީ މެންބަރަކަށް އެފުރުޞަތު ލިބިވަޑައިގަންނަވައެވެ. އެތިން މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުޙައްމަދެވެ.

މިތިން މެންބަރުންގެ ތެރެއިން ޢުމުރުން އެންމެ ދޮށީ މެންބަރަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދެވެ.

ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅުއްވާފައިވާ އަނެއް ހަތަރު މެންބަރުންނަކީ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިނާއި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ސޯލިހު އަދި ކެންދޫ ދާއިރާގެ އަޙްމަދު ތަސްމީން ޢަލީ އެވެ.

19 ނޮވެންބަރު 2013