ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ހޯމަދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރިޕަބްލިކް އޮފް ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ނުވަތަ ނެޝެނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ޑރ.ޕެޓްރިކް އެމިނީ، މި ޖޫންމަހުގެ 7 ން 11 ށް، ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސީޝެލްސްގެ ޕާރލިމަންޓްގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބާއްދަލުކުރައްވާ ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުންބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަވާނެއެވެ.

ރިޕަބްލިކް އޮފް ސީޝެލްސްގެ ޕާރލިމަންޓަކީ އެއްގެއެއްގެ ނުވަތަ މަޖިލީހުގެ މައްޗަށް އެކުލެވިގެންވާ 34 މެންބަރުން ތިއްބަވާ ޕާރލިމެންޓެކެވެ. މީގެތެރެއިން 25 މެންބަރުންނަކީ ރައްޔިތުން ސީދާ އިންތިހާބުކުރާ މެންބަރުންނެވެ. ބާކީ 09 މެންބަރުންނަކީ ޕާޓީތަކުން އިންތިޚާބުވާ މެންބަރުންގެ ނިސްބަތްވާ ގޮތުގެ މަތިން ޕްރޮޕޯޝަނަލް އުޞޫލުން އިންތިޚާބު ކުރެވޭ މެންބަރުންނެވެ.