ނޫސް ބަޔާން

16 ނޮވެންބަރު 2013 ވީ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރެވިގެން ދިޔައީ އެރޭގެ މެންދަމުގެ ވަގުތެއްގައެވެ. އެވަގުތުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ހަމަޔަށް ލިބިފައިވާ ވަގުތުގެ ކުޑަކަމާއެކު އެޖަލްސާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވުފައިވަނީ ފޯނުންނެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުގެ އިސްބޭފުޅުންނަށް ރޭގެ ވަރަށް ލަސް ގަޑިތަކުގައިވެސް ފޯނުން ދަޢުވަތު އެރުވުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔައެވެ.

މަޖިލީހުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ގުޅުއްވުމަށް ތަކުރާރުކޮށް ރެއާއި މިއަދުވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެމަނިކުފާނާ ގުޅޭގޮތް ނުވުމުން އެ މަނިކުފާނަށްވަނީ ދަޢުވަތު އެރުވޭގޮތް ނުވެފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވުނުކަމީ މިއަދުގެ ޖަލްސާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޅުކަމެކެވެ.

އެހެންކަމުން މިއަދުގެ ޖަލްސާއަށް އެމަނިކުފާނަށް ދަޢުވަތު އެރުވުމުގައި ކަންހިނގާފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމަނިކުފާނުގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދޭ ކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ.

17 ނޮވެންބަރު 2013