ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އެބޭފުޅުންގެ ޤާނޫނީ ހުވައި ކުރައްވައިފި

Huvaa2013 ނޮވެންބަރު 16 ވަނަދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ 6 ވަނަ ރައީސުލްޖުމްހޫރިއްޔަކަމަށް އިންތިޚާބުވެވަޑައިގެންނެވި އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު 2013 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ޤާނޫނީ ހުވައިކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.

50 މެންބަރުން ހާޟިރުވެވަޑައިގެންނެވި އަދި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރިޔާސަތު ބެލެހެއްޓެވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ ހުވައިލައިދެއްވެވީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ވާގޮތުގެމަތިން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިން އެވެ. ހުވައިކުރެއްވުމަށްފަހު ދެބޭފުޅުންވެސް ހުވައިގެ ލިޔުމުގައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައިކުރެއްވުމާ ގުޅިގެން 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ބަޑިޖަހައި ނިމުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅެވުނެވެ.

ދިވެހި އެތައް ޖަލީސުންނަކާއި ރާއްޖެއާއި ސިޔާސީ ގުޅުން އޮންނަ ރަހުމަތްތެރި އެތައް ޤައުމެއްގެ ޢިއްޒަތްތެރި މަންދޫބުން ހާޟިރުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައިކުރެއްވުމަށްފަހު އަދި ރައިސުލްޖުމްހޫރިއްޔާގެކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖޭގެ އާ ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ދިވެހި ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މައިގަނޑުގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ ރާއްޖެ އަމާން އަދި ތަރައްޤީވެފައިވާ ގައުމަށްކަމަށް ހެދުމަށް ކުރައްވާނެ މަސައްކަތްތަކުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެ މިއަދު ވަނީ އިޤްތިޞާދީ ފުންވަޅުގަނޑެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދު ހަމައަކަށް އަޅުވައި ބަޖެޓްގެ ޚަރަދު ކުޑަކުރައްވަން ވަރަށް އަވަހަށް ފައްޓަވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން އެންމެންނަށް ބައިވެރިވެވޭ ފުދުންތެރި އިޤްތިސާދަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޚަރަދު ކުޑަ ސަރުކާރެއް ޤާއިމު ކުރައްވައި ނަތީޖާ ހާޞިލްކުރާ ސަރުކާރަކަށް ހައްދަވާދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހައްދަވައި އިޖްތިމާޢީ ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތްކުރައްވައި ޤައުމު ބިނާ ކުރުމުގައި އަންހެނުންނަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިމިގެން އަލަށް ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އަލްފާޟިލް ޢަބްދުﷲ ޔާމީނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ސަލާމްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ޖަލްސާ ފެށުނީ މިއަދު މެންދުރު 01:00 ޖެހިއިރުއެވެ. އަދި މިޖަލްސާ ބޭއްވުނީ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއްގެ ސިފައިގައެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ފެށްޓެވީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އާ ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ހޫނު މަރުޙަބާއެއް ވިދާޅުވަމުންނެވެ. މިގޮތުން އަލްފާޟިލް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިއަދާއި ހަމަޔަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު 21 އަހަރާއި އަށް މަހާއި 22 ދުވަހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައިވާކަން މަޖިލީހުގެ ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިއީ ކުރީގެ ދެ ރައީސަކު ތިއްބަވައިގެން ބޭއްވޭ މަޖިލީހުގެ ތާރީޚީ ޖަލްސާއެއް ކަމަށް ވާތީ މަޖިލީހުގެ ރައީސް ވަނީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށާއި ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.

17 ނޮވެމްބަރ 2013