މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމަށް އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުއްވި މައްސަލަ އަނބުރާ ފޮނުވާލައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ މައްޗަށް އިތުބާރުނެތްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުއްވި މައްސަލަ އަނބުރާ ފޮނުވާލައްވައިފިއެވެ.

 އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ޤާނޫނުއަސާސީގައިވާގޮތުގެ މަތިން 2008 ނޮވެމްބަރ 11 ގައި ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އައިސްފައިވުމާއެކު ހުށަހަޅުއްވާފައިވާ މައްސަލަ މިހާރު ކުރިއަށް ނުގެންދެވޭނެތީ  އެ މައްސަލަ އަނބުރާ ފޮނުއްވީ ކަމުގައެވެ.