ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުކުރެއްވުމަކީ 11 ނޮވެމްބަރު 2013 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބު ނުކުރެވިއްޖެނަމަ އަތުވެދާނެ ޤާނޫނީ ހުސްކަމަކާ ގުޅިގެން އެފެދިދާނެ ހަމަނުޖެހުމަކާ މެދު އެ ކޮމިޝަނުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށާއި އަދި އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން ވިސްނަންޖެހޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެދިވަޑައިގަތުމަކަށް ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

މިބައްދަލުކުރެއްވުމުގައި އެ ކޮމިޝަންގެ ރައީސް އަލްފާޟިލާ އަޒްރާ އަޙްމަދު އާއި ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ތޮލާލް އާއި މެންބަރު ޑރ ޢަލީ ޝަމީމް އާއި މެންބަރު އަލްފާޟިލާ ޖީހާން މަޙްމޫދު އާއި މެންބަރު އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް އާއި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޝަމްއޫން ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

7 ނޮވެމްބަރ 2013