2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެގުމަށް ހުށަހަޅާފައިވާ ލޯނުތަކުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައިފި

މިރޭ ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 52 ވަނަ ބައްދަލުވުމުގައި 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެގުމަށް ހުށަހެޅި ލޯނުތަކުގެ ތެރޭ ހިމެނޭ ހަތަރު ލޯނަކާ ގުޅިގެން މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

އެގޮތުން މާލޭ ފޯތް ޕަވަރ ޕްރޮޖެކްޓްއަށް ބޭނުންވާ 2،500،000 ޔޫރޯގެ ސަޕްލްމެންޓަރީ ލޯނާއި، ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭންކް އޮފް ސިލޯންއިން ނެގުމަށް ހުށަހަޅުއްވާފައިވާ ލޯނާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، މި ލޯނުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފަހު އިތުރަށް މި މައްސަލަ ދިރާސާ ކުރެއްވުމަށް ނިންމެވިއެވެ.

އެއަށްފަހު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 22 ރަށެއްގެ ބަނދަރު ޤާއިމްކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ލޯންގެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު، މި ލޯނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙަންމަދު މުޢިއްޒު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް ޢަބްދުﷲ ޒިޔާދު، އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއަރޕާރސަން އަލްފާޟިލާ އައިމިނަތު އާތިފާ އާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މިގޮތުން 6 ނޮވެމްބަރ 2013 ވާ ބުދަ ދުވަހު 15:30 ގައި ބާއްވަން ހަމަޖެހިފައިވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މި ބޭފުޅުން ހާޒިރުވުމަށް ދެންނެވުމަށް ނިންމެވިއެވެ.

އަދި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ ގޮތުން ނަގަން ހުށަހަޅާފައިވާ ގާތްގަނޑަކަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން ނެގުން ކޮމިޓީއަށް ފެންނަ ކަމަށް ބުނެ ކޮމިޓީ ރިޕޯޓް އެކުލަވާލާ މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލްއެވެ.