މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 52 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އެދި ދެންނެވުމަށް ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 52 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން،  މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދުކުރެއްވި ހުށަހެޅުއްވުން ފާސްކުރެއްވިއެވެ. އެހުށަހެޅުމަކީ، މިއަދުގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ޖަވާބުދާރީވެވަޑައިގަތުމަށް އެކަށީގެންވާ މާހައުލެއް ކޮމިޓީގައި ނެތުމާއެކު، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި، މިރޭ 21:00 ގެ ކުރިން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އެދި ދެންނެވުމަށެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްއާގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މިމައްސަލައަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މ. ޑޯންޝައިން/ އަލްއުސްތާޛު އަޙްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތައް ބަޔާންކޮށްފައިވާ 7 ވަނަ ބާބުގެ 220 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ  ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނެރަލްއެއް ކަމަށް ނުވާކަމަށް ބަޔާންކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެންގެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، އިހަންވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.