ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ (ނ) ގެ 2 އަދި 3 އުނިކުރުމަށާއި، 29 ވަނަ މާއްދާގެ (ރ) އުނިކުރުމަށް ހުށަހެޅިފައިވާ އިޞްލާހާގުޅޭގޮތުން ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް އަނބުރާ އެކޮމިޓީއަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ 2 އަދި 3 އުނިކުރުމަށާއި، 29 މާއްދާގެ (ރ) އުނިކުރުމަށް ހުށަހެޅިފައިވާ އިޞްލާޙާގުޅޭގޮތުން ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް އަނބުރާ ޢާންމު ކޮމިޓީއަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢާންމު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ ވަކި ޤާނޫނަކަށް ނުވަތަ ގަވާއިދަކަށް ގެންނަ އިޞްލާހަކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، އެ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ޤާނޫނުގެ ނުވަތަ ގަވާއިދުގެ ދަށުން، ލިބިފައިވާ ޙައްޤެއް ބާޠިލުވާނެކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތަމްސީލްކުރަމުންދާ ޕާޓީތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ޤާނޫނީ ހައިސިއްޔަތު ލިބި، އެކަން ރައްޔިތުންގެ މަޖިލީހުގައި އިޢްލާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގައި ޚަރަކާތްތެރިވަމުން އަންނަ ޕާޓިތަކެއްކަމަށާއި، އެ ޕާޓީތަކަށް ލިބިދީފައިވާ ހައިސިއްޔަތުތައް، އެ މާއްދާއަށް ގެނެވޭ އިޞްލާޙެއްގެ ސަބަބުން، ނެތިގެންދާނެ ޤާނޫނީ ހަމައެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ (ނ) ގެ 2، 3 އަދި 29 ވަނަ މާއްދާގެ (ރ) ގައި ވަނީ:

      (ނ) މި ގަވާއިދުގެ ބޭނުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންކަމަށް ބުނެފައިއެވަނީ:

2. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެހެން ޕާޓީއަކާއި ގުޅި، އެ ޕާޓީއެއްގެ ނަމުގައި ތަމްސީލުކުރުމަށް އެދޭ މެންބަރުން.

3. މި މައްދާގެ 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިޚާބުވުމަށްފަހު، މެންބަރަކު ގުޅޭ ޕާޓީއަކީ ޤާނޫނީ ގޮތުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޕާޓީއެއްކަމުގައި ވާންޖެހޭނެއެވެ.

        (ރ) މި މާއްދާގެ (ނ) ގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެދޭ މެންބަރުންގެ ޢަދަދު 3 މެންބަރުންނަށްވުރެ މަދުވެގެންނުވާނެއެވެ.