ނޫސް ބަޔާން

މިއަދު، 29 އޮކްޓޯބަރ 2013 ވީ އަންގާރަ ދުވަހު، އޮންލައިން ނޫހެއްކަމުގައިވާ ސީ.އެން.އެމްގައި ޝާޢިއުކުރައްވާފައިވާ ޚަބަރެއްގައި، ކޯޓުތަކަށް ފިލައިގެން އުޅޭ މީހުންނަށް ރައްކާތެރިކަންދީ، ކޯޓުގެ ހުރުމަތް ކަނޑާ، ޖިނާއީ ކުށްކުރާ މީހުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލިސް ހުޅުވާލާފައިވާކަމަށާއި، އެކަންކަމަށް ފުރުޞަތު ދިނުމަކީ، ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ޖިނާއީ ކުށެއްކަމަށް ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެކަމަށް ލިޔުއްވާފައިވެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަކީ އެއްވެސް އިރެއްގައި ކުށްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ތަނެއް ނޫނެވެ. އަދި މިއަދުވެސް، ރައްޔިތުންގެ މަޖިލީހުގެގޭގެ ތެރޭގައި އެއްވެސް ކުށްވެރިއަކަށް އެއްވެސް ޙިމާޔަތެއް ނުވަތަ ރައްކާތެރިކަމެއް ފޯރުކޮށްދެމުން ނުދާ ވާހަކަ ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހަކީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ ވަގުތުތަކުގައާއި، މަޖިލީހުގެ އެކިއެކި ކޮމިޓީތައް ކުރިއަށްދާ ވަގުތުތަކުގައި، މަޖިލީހުގެ މެންބަރުން މަޖިލީހުގެ ތެރޭގައި އަވަދިނެތި ޙަރަކާތްތެރިވަމުންދާ ތަނެކެވެ. އަދި، މަޖިލީހުގެ ކޮމިޓީތަކަކީ ހަފްތާ ތެރޭގައާއި، ހަފްތާ ބަންދު ދުވަސްތަކުގައި ދުވާލުގެ ގަޑިތަކުގައާއި، ރޭގަނޑު ގަނޑިތަކުގައި، އެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ކޮމިޓީތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެންނުވާނެކަމަށް ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު އަބްދުލްޤަފޫރު ބޭނުންކުރައްވާފައިވާ އެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ލިބިދޭ އިމްތިޔާޒެއްކަމުގައި ދަންނަވަމެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އިމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، އެއްވެސް ސިޔާސީ ވިސްނުމެއް ތަފާތުކުރުމެއްނެތި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތަކާއި އިމްތިޔާޒުތަކަށް އުނިކަމެއް އަޔަނުދީ، އެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައްކާތެރިކޮށްދޭނެކަމުގެ ކަމުގެ ޔަޤީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވަމެވެ.

29 އޮކްޓޯބަރ 2013