ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

Easaރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މިމައްސަލައަކީ ނ.ކެނދިކުޅުދޫ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ކަރަންޓްގެ ޚިދުމަތުން ރަށުގެ ރައްޔިތުން މަހްރޫމްވެފައިވާތާ 3 ދުވަސް ފާއިތުވެ ދިޔައިރުވެސް އަސާސީ މި ޚިދުމަތް ދިނުމަށް އެކުންފުނިން އެކަށީގެންވާ މަސައްކަތެއް ކުރައްވަމުން ނުގެންދަވާތީވެ، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 22 މެންބަރުންގެ އިއްތިފާޤުންނެވެ.

އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 30 މެންބަރުންގެ އިއްތިފާޤުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 21 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުވާލުމުގެ ސަބަބުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ނަން އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

28 އޮކްޓޯބަރ 2013