މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާއެކު، އަލުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ލުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރުކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި ނައިބު މުޤައްރިރުކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހޮވިވަޑައިގެންނެވީ ފެނިވަޑައިގަންނަވާ ކަމަށް 9 މެންބަރުން ވޯޓުދެއްވައިގެންނެވެ.
ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހޮވިވަޑައިގަތުމުން، ކޮމިޓީއާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލިއްޔަތު ކޮމިޓީއަކީ ވަރަށް މުހިއްމު ކޮމިޓީއެއް ކަމަށާއި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން އެއްބާރުލުން ދެއްވުމަށާއި އަދި ކޮމިޓީގެ މަސައްކަތް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ކުރިއަށް ގެންދަވާނެކަމަށެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާދިލްއެވެ.