ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރުން


ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރުން

މަޖިލީހުގެ އިދާރާގައި ހަމަޖެހިފައި އޮންނަ ގަވާއިދަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރައްޔިތުންނަށް ޖާގައޮތް މިންވަރަކުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ދުށުމަށާއި އަޑުއެހުމަށް މަޖިލިސް ކުރާގެއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވިގެންވެއެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް އަޑު އެހެމަށް މެހެމާނުން ތިބުމަށް ހަމަޖެހިފައިވާ ޕަބްލިކް 2 ގެލެރީގައި ޖާގަ އޮތް މިންވަރަކުން މަޖިލީހުގެ ޖަލްސާތައް ހިގަމުންދާ ވަގުތު ތަކުގައި ޖަލްސާތައް ދުށުމަށާއި އަޑުއެހެމަށް ޒިޔާރަތްކުރެވޭނެއެވެ.

މަޖިލީހުގެ މައި ޖަލްސާތަކާ ޚިލާފަށް މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ދުށުމަށާއި އަޑު އެހެމަށް ވަޑައިގަންނަވާ މެހެމާނުން އެބައްދަލުވުމެއް ފެށުމުގެ ކުރިން ބައްދަލުވުން ބޭއްވޭ ކޮޓަރިއަކަށް ހާޟިރުވާންވާނެ އެވެ. މި ކޮޓަރިތަކުގައި އެންމެން ވަދެ ނިކުމެ ވާން ހުންނަނީ އެއްދޮރުތަކެއް ކަމުގައިވާތީ އާއި އެކު އަދި ގެލެރީއެއް ވަކިން މެހެމާނުންނަށް ތައްޔާރު ކުރެވިފައިނުވާތީ ބައްދަލުވުމެއް ފެށުމަށްފަހު ޖާގަ އޮތްނަމަވެސް މެހެމާނުންނަކަށް ދެނެއް އެ ބައްދަލުވުން ހިނގަމުންދާ ކޮޓަރިއަކަށް ނުވަދެވޭނެއެވެ.

މެހެމާނުން މަޖިލިސް ކުރާ ގެއަށް ވަނުމަށް ބޭނުންކުރާނީ މަޖިލިސްކުރާގޭގެ ހުޅަނގު ފަރާތުގައިވާ ގޭޓެވެ. އަދި ގަވާއިދުން ސެކިއުރިޓީ ކްލިއަރެންސް ހޯދައި ސެކިއުރިޓީ ފާސް ލިބުމުން އެ ފާސް ހެދުމުގައި ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަންވާނެ އެވެ. މަޖިލިސް ކުރާގެއިން ނުކުންނަމުން މި ފާސް ސެކިއުރިޓީ އޮފިސަރުންނާއި ހަވާލުކުރަން ވާނެއެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ދުށުމަށާއި އަޑުއެހުމަށް ހާޟިރުވާ މެހެމާނުން ތިރީގައި އެވާ ކަންކަމަށް ސަމާލުވާންވާނެއެވެ.

ހ- މަޖިލީހުގެ ކަރާމަތާއި ހައިބަތު ގެއްލިދާފަދަ ކަމެއް ނުކުރުން އަދި މަޖިލީހުގެ ގަދަރާއި އިއްޒަތް ހިފެހެއްޓޭ ގޮތަށް އަމަލުތައް ބެހެއްޓުން

ށ- ހީ ސަމާސާނުކުރުމާއި، އަތްތިލަބަޑި ނުޖެހުމާއި، ވަކިކަމަކަށް ނުވަތަ މީހަކަށް ތަރުހީބު ދެނީކަމަށް ބެލެވިދާނެ ކަމެއް ނުކުރުން

ނ- މެހެމާނުންގެ މާލަމުގައި އިނދެ، މަޖިލީހުގެ މެންބަރުންނަށް އިޝާރަތްނުކުރުމާއި އަޑުގަދަކޮށް ވާހަކަދައްކާނުހެދުން

ރ- މެހެމާނުންގެ މާލަންތަކާއި ކޮމިޓީ ރޫމްތަކަށް ވެދެނުކުމެވުމުގައި ވީހާވެސް މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު އަމަލުކުރުން

ބ- މަޖިލީހުގެ ގެ ފަދަ ތަނަކަށް އައުމަށް ހެދުން އެޅުން އެކަށީގެންވާ ގޮތަކަށް ހެދުން އަޅާފައިހުރުން

ޅ- މަޖިލީހުގެ ގޭގައި މެންބަރުން ތިބޭ ހިސާބަށް ނުދިޔުން

ކ- ޖަލްސާގެ މަންޒަރު ނުވަތަ އަޑު ރެކޯޑް ކުރެވިދާނެ ނުވަތަ ދުރަށް ފޮނުވިދާނެ އެއްޗެއް މާލަމުގެ ތެރެއަށް ނުވެއްދުމާއި މޮބައިލް ފޯނުވެސް ނުވެއްދުން

އ- މަޖިލިސް ކުރާގެއާއި މެންބަރުން އަދި މުވައްޒަފުންނާއި ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ނުކުރުން

ދަރިވަރުން ޒިޔާރަތްކުރުން

އެކި ސްކޫލްތަކާއި އިންސްޓިޓިއުތައް އަދި ކޮލެޖްތަކުގެ ދަރިވަރުން މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި މަޖިލިސްކުރާ ގެއަށް ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ޒިޔާރަތްކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޒިޔާރަތްކުރުމަށް ދަރިވަރުން ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީކޮށް މިކަމަށް އެދި ސިޓީ ފޮނުވުމުން މަޖިލީހުގެ އިދާރާގެ ޕާލިމަންޓްރީ އެޑިއުކޭޝަން ސެކްޝަންގެ ފަރާތުން މިކަމާއިގުޅޭ ގޮތުން އެފަރާތަކާ މަޝްވަރާކޮށް ޚާއްޞަ ޕްރޮގްރާމެއް ރާވައިދީ ޒިޔާރަތްކުރުމުގެ ކަންތައް އިންތިޒާމް ކޮށްދެވޭނެ އެވެ.