ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރަކު ސޮއިކުރައްވާ ފޮނުއްވާފައިވާ ކުއްލި މައްސަލަ، ކުރިއަށް ގެންދެވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން މިއަދު ފާސްކުރައްވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 47 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ ޝަކުވާގެ މައްސަލަ ބެލުން ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާ ކަމަށް، އެބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމަވައިފިއެވެ. މިއަދު، 27 އޮކްޓޯބަރ 2013 ގެ 14:00 ގައި އޮތް އެ ބައްދަލުވުމަށް އެމައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު ވަޑައިނުގަންނަވާތީ، ކޮމިޓީ ބޭއްވުމަށް ހަމަޖެހިފައިވާ ގަޑި ފާއިތުވެ 10 މިނެޓު ހިނގުމުން، އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު ތާޢީދު ކުރައްވައި، މިހުށަހެޅުން ކޮމިޓީއަށް އެވަގުތު ވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

މިމައްސަލަ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދުއެވެ.