އާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި

Jalsa today (5)ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މިބިލު ބަލައިގަނެފައިވަނީ 37 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓް ދެއްވާފައިވާއިރު 9 މެންބަރުން ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު ބަލައިގަތުމާއިގުޅިގެން މަޖިލީހުގެ ޤަވާއިދުގައިވާގޮތުގެމަތީން ދިރާސާކުރެއްވުމަށް ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުށަހަޅުއްވާފައިވާ، 2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އަންނައިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުނުކުރެވިއްޖެނަމަ އިންތިޤާލީގޮތުން ޢަމަލުކުރާނޭ ގޮތުގެ ބިލުގެ ފުރަތަމަ ކިޔުމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

23 އޮކްޓޯބަރ 2013