ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

Jalsa Today (4)ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 4 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ބާރު ކަނޑުވާލައި އަދި އެ ދެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުގެނެސް، އެ ދެ މުއައްސަސާ އެމް.ޑީ.ޕީގެ ވެރިކަމެއްގައި ހިންގާނެ ގޮތްކަމަށް ކަނޑައަޅާ އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ހިމެނުމަށް ތައްޔާރުކުރި ރިޕޯޓް ލީކްވެފައިވާއިރު، ސިޔާސަތު ތަންފީޒުވެއްޖެނަމަ، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބާރުކެނޑި ދިވެހި ޤައުމު ބޭރުބައެއްގެ އަތްމައްޗަށް ދިޔުމުގެ ބިރުވެރިކަން އިޙުސާސްކުރެވޭތީ، މި މައްސަލަ ބަލައި ތަޙްޤީޤުކުރުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 އޮކްޓޯބަރ 2013 ވާ ހޯމަަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

23 އޮކްޓޯބަރ 2013