ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކޮށްފައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެސިޓީގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާއިރު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސަކީ އެ ކޮމިޝަނުގެ މެންބަރެއްކަމަށް އެ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ކޮންމެ މެންބަރަކުމެ އެ މަޤާމާ ޙަވާލުވުމުގެ ކުރިން ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤުރާރުގައި ސޮއިކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 166 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
ކަންމިހެން އޮތްއިރު، ޤާނޫނު ނަންބަރު 9/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު، ޤާނޫނު ނަންބަރު 5/2007) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަނުގެ ރައީސް ޢައްޔަންކުރުމަށް، 20 އޮގަސްޓް 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް މއ. ކނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާކަން، 20 އޮގަސްޓް 2013 ގައި މަނިކުފާނު އަރިހަށް ފޮނުވި ސިޓީންވާނީ ދަންނަވާފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.
އެހެންނަމަވެސް، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކޮށްފައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފަށް ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވޭނީ، ޤާނޫނުއަސާސީގެ 166 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފަނޑިޔާރެއްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައިކުރައްވައި އެ ހުވައިގެ އިޤުރާރުގައި ސޮއިކުރެއްވުމަށް ފަހުގައިކަމަށްވާއިރު، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލުމުގެ މަސައްކަތް ކުރަންވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާކަމަށް ޤާނޫނުއަސާސީގެ 160 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިއަދާ ހަމައަށްވެސް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، އެކަމާ ކަންބޮޑުވާވާހަކަ އެސިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަޔާންކުރައްވާފައިވެއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމުގެ މަސްއޫލިއްޔަތުތައް ފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް ޤާނޫނުއަސާސީއާއި، 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން ޙަވާލުކޮށްފައިވާ ފަރާތްކަމަށްވެސް އެސިޓީގައި ފާހަގަކުރައްވާފައިވެއެވެ.