ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.
މިމައްސަލައަކީ “ޤާނޫނު އަސާސީގައިވާ ގޮތަށް ރިޔާސީ އިންތިޚާބު ބޭއްވުމަށް ހުރަސްއަޅާފައިވަނީ ސަރުކާރުކަމަށްވާތީ ސަރުކާރު ހިންގުމުގައި ހަވާލުވެހުރި މުޙައްމަދު ވަހީދު ޙަސަން މަނިކު މިހިނދުން މިހިނދަށް އިސްތިއުފާދީ ޤާނޫނުއަސާސީގައިވާގޮތަށް ވެރިކަމުގެ ކަންކަން ތަރުތީބުކޮށްގެން މެނުވީ މި ރިޔާސީ އިންތިޚާބު ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލުނުކުރެވޭތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި” ކަމަށް ވިދާޅުވި ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 29 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 18 މެންބަރުންނެވެ.
އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 32 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.
ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 40 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް ވެސް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް ބަހުސް ކުރެއްވުމަށް ފާސްވެފައެއް ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
21 އޮކްޓޯބަރ 2013