ސަލާމަތީޚިދުމަތްތަކާއި ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅިފައިވާ 5 މައްސަލައެއް ދިރާސާ ކުރައްވައިފި

މިއަދު ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ 5 މައްސަލައެއް ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކަކީ:

  1. މިއަދު، 07 އޮކްޓޯބަރ 2013 ގައި ރާއްޖެ ޓީވީއަށް ޙަމަލާދީ އެތަނުގައި ހުޅުޖަހާފައިވާ މައްސަލައާ ގުޅިގެން ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ސެކިއުރިޓީ ހަމަޖައްސާދިނުމާއި؛
  2. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުމާއި އިންޒާރު ދެމުންގެންދާ މައްސަލަތަކާ ގުޅިގެން އެބޭފުޅުންނަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީގެ ކަންކަން ވަރުގަދަކުރުމާ ގުޅޭގޮތުންނާއި؛
  3. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާގޮތާއި ގުޅޭގޮތުން މަޝްވާރާކުރުމަށް

ޗީފް އޮފް ޑިފެންސް ފޯސް އާއި އަދި އެން.އެމް.ޑީ.އެފްގެ ކަމާގުޅޭ އިސްބޭފުޅުންނާއި މާދަމާ 08 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހު 14:30 ގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  1. އަދި، 07 އޮކްޓޯބަރ 2013 ގައި އައްޑޫސިޓީގެ މޭޔަރު ސޮއިކުރައްވައި އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ކޮމިޓީއަށް ފޮނުއްވާފައިވާ، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ދިވެހި ފުލުހުންގެ ފަރާތުން ހިންގަމުންގެންދާ ގާނޫނާއި ޚިލާފު އަދި ފުލުހުން ގެންގުޅޭ ޢާންމު އުސޫލުތަކާ ޚިލާފް ޢަމަލުތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް؛

ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި އައްޑޫ ސިޓީގެ މިހާރުގެ ޕޮލިސް އިންޗާރޖް އަދި އައްޑޫ ސިޓީގެ މޭޔަރ ޢަބަދުﷲ ޞާދިޤް 10 އޮކްޓޯބަރ 2013 ވާ ބުރާސްފަތިދުވަހު 11:00 އަށް ކޮމިޓީއަށް ހާޒިރުވުމަށް އެބޭފުޅުންނަށް ދެންނެވުމަށް ނިންމެވިއެވެ.

  1. އަދި އަލްމަރުޙޫމް ޑރ. އަފްރާޝިމް ޢަލީ ގެ މަރުގެ މައްސަލާގެ ތަޙުގީގު މިހާރު ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށް؛

ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި 09 އޮކްޓޯބަރ 2013 ވާ ބުދަދުވަހު 11:15 ގައި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

 

މީގެއިތުރުން، އެމް.އެން.ޑީ.އެފް ގެ ބޭފުޅުން ސޮއިކޮށް އެ އިދާރާއަށް ހުށަހަޅުއްވާފައިވާ ޕެޓިޝަނެއްގެ މައްސަލާގައި އެމް. އެން.ޑީ.އެފް ގެ ބައެއް ބޭފުޅުންގެ ޑިސިޕްލަނަރީ މައްސަލަތަކެއްބަލައި ފިޔަވަޅުއަޅަމުންދާ މައްސަލައާގުޅިގެން ދެންނެވުނު ޕެޓިޝަނުގައިވާ ކަންތައްތަކާއި ގުޅޭގޮތުން އެ އިދާރާއިން ލިޔުމުން މަޢުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްއެވެ.