ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މި ބިލު ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާޤުން ބަލައިގަތުމަށް ފާސްވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތީން ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަށް ހުށަހެޅުއްވި އިސްލާހުގައިވަނީ “އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރާނެގޮތް ޤާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.” މިފަދައިންނެވެ.

ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް ހުށަހެޅުއްވި އިސްލާހުގައިވަނީ “އިދާރީ ދާއިރާތައް ހިންގުމަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ޤާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.” މިފަދައިންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޮކްޓޯބަރ 2013 ވާ ހޯމަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

3 އޮކްޓޯބަރ 2013