މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އުޒުވެރިވާ ކަމަށް އަންގަވައިފި

މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 42 ވަނަ ބައްދަލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަދި ދެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހާޒިރުވުމަށް އަންގަވާފައިވާއިރު، ކޮމިޓީއަށް މި ބޭފުޅުން ހާޒިރުވުމަށް އުޒުރުވެރިވާކަމަށް އަންގަވާ ސިޓީ ފޮނުއްވާފައިވާތީ، މިއަދުގެ ކޮމިޓީ ބައްދަލުވުން ކެންސަލް ކުރައްވައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ކޮމިޝަނަރސް ބިއުރޯއިން ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، އެ ކޮމިޓީއަށް ހާޒިރުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އާއި ދެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އުޒުރުވެރިވަނީ މިވަގުތު މަސައްކަތް ހުރިގޮތުން ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ސަލާމަތީ ޚިދުމަތްތައް ހިންގާ ނުހިންގާ ގޮތް ބަލަމުން ގެންދިއުމަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކެމިޓީކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވުމަށް ތަކުރާރުކޮށް އުޒުރުވެވަޑައިގަންނަވަމުންދާތީ، އެކަމާ މެދު ކަންބޮޑުވާކަން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ވިދާޅުވިއެވެ. އަދި މިކަމާ މެދު އަޅުއްވާނެ ފިޔަވަޅާއި މެދު މަޝްވަރާކުރުން ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި އެޖެންޑާ ކުރެވޭނެކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.