މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމްގެ މައްޗަށާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް އަރުވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމްގެ މައްޗަށާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް އަރުވައި އެކަން 30 ސެޕްޓެމްބަރ 2013 ވީ ހޯމަދުވަހު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް އަދި އެޓަރނީ ޖެނެރަލްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށާއި، އަދި މި މާއްދާގެ (ށ) ގައިވަނީ،  (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި އެބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެންވާކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ 26 މެންބަރަކު ސޮއިކުރައްވައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި އެޓަރނީ ޖެނެރަލްގެ އިތުބާރުނެތްކަމުގެ މައްސަލަ، 25 ސެޕްޓެމްބަރު 2013 ގައި މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ވަޒީރެއްގެ މައްޗަށް ހުށަހެޅޭ އިތުބާރުނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގައި ބަހުސްކުރެވޭނީ ޖުމްލަ 2 ގަޑިއިރެވެ.