ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހެޅުއްވި ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފި

ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހަޅުއްވައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ތާއީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ އިއްތިފާޤުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

  މި ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން، މަޖިލީހުގެ 29 މެންބަރުން ސޮއި ކުރައްވައި، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބޮޑު ފަރަގަކުން ދެވަނަ ބުރަށް ހޮވުމާގޮޅިގެން، ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ ހަމަތަކާއި، އުސޫލުތައް މުގުރާލައި، ޑިމޮކްރަސީއާއި ދުރަށް މިސްރާބު ޖަހާފައިވާކަމަށް ފެންނާތީވެ، ޤާނޫނުއަސާސީ މެދުވެރިކޮށް ދައުލަތުގެ އެންމެހާ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށްވާތީވެ، މަޖިލީހުގެ ޖަލްސާއެއް ބާއްވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގެ މަރުޙަލާގައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމެކެވެ.

މި ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ “28 ސެޕްޓެމްބަރ 2013 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތިނުކުރުވުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް އެއްވެސް ސަބަބަކާހުރެ ލަސް ނުކުރުމަށާއި، އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ކުރާންޖެހޭ އެންމެހައި މަސައްކަތްތައް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށާއި، އިންތިޚާބު އެތާރީޚުގައި ބޭއްވުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުންނާއި، ސަލާމަތީ ޚިދުމަތްތަކުންނާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އިލެކްޝަންސް ކޮމިޝަންއަށް ފޯރުކޮށްދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ އެންމެހައި ކަންކަން ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241) އިން ސަލާމަތީ ހިދުމަތްތަކުން ކަންކަން ކުރާގޮތް ބަލަމުން ގެންދިޔުމަށާއި، އެފަދަ ހާލަތެއް ނެތްނަމަވެސް މަސައްކަތް ކުރިއަށް ގެންދިޔުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާރަށް ކުރިއަށް ގެންގޮސް 28 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ނިންމަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމެވެ.”

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރިސެސްގެ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސައި އެ ޖަލްސާތައް ބާއްވަންވާނެކަމަށެވެ.

23 ސެޕްޓެމްބަރ 2013