އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR8750 މިއަހަރުގެ ރިޔާސީ އިންތިޚާބު ކުރިއަށް ދާގޮތް ބެއްލެވުމަށްޓަކައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމްގެ ހެޑް އޮފް ޑެލިގޭޝަން، ލީޑަރ ފޯރ ސައުތް އޭޝިއާ، އޭޝިއާ އެންޑް ޕެސިފިކް ޑިވިޝަން، ހިޓޯކީ ޑެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ހޮނިހިރުދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުކުރިއަށް ދިޔަގޮތާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، އިންތިޚާބުގެ އިންތިޒާމްތައް އަމާން، އޮމާންކޮށް ގޮސް ނިމިފައިވާތީ އާއި މިއިންތިޚާބަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ވޯޓުލީ އިންތިޚާބުކަމުގައިވާތީ އުފާކުރައްވާކަމުގައިވެސް ވިދާޅުވިއެވެ. އަދި ދެވަނަ ބުރުގައިވެސް ވާދަވެރި އިންތިޚާބެއް ބޭއްވި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމްގެ ފަރާތުން އިންތިޚާބުގެ ކަންތައް މޮނިޓަރ ކުރެއްވުމުގައި މަސައްކަތް ކުރިއަށް ގެންދިއަ ގޮތާބެހޭގޮތުން މަޢުލޫމާދު ދެއްވާފައިވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައިވެސް މިފަދަ ޑިމޮކްރަސީގެ ރީތި މިސާލެއް ދައްކާނެކަމަށް އުއްމީދުކުރާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، އދ.ގެ ރާއްޖެ އޮފީހުގެ، އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ ޓޯނީ ލައިލް އާއި މޯލްޑިވްސް ޑެސްކް، އޭޝިއާ އެންޑް ޕެސިފިކް ޑިވިޝަން ޔޯންސިއޯން ހިއޯ، ސީނިއަރ އިލެކްޓޯރަލް އެޑްވައިޒަރ ޖަޖް ޔޯހާން ކްރީގްލާރ އަދި ޕީސް އެންޑް ޑިވެލޮޕްމެންޓް އެޑްވައިޒަރ ކްރެގް ކޮލިންސް ބައިވެރިވެވަޑައިގެންނެވިއެވެ.