މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ނައިބު މުޤައްރިރުކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހޮއްވަވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ  ކަންތައްތަކާ ބެހޭ ކޮމިޓީގެ 36 ވަނަ ބައްދަލުވުމުގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާއެކު، އަލުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ލުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރުކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ނައިބު މުޤައްރިރު ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހޮވިވަޑައިގެންނެވީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ ޢިއްތިފާޤުންނެވެ.

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއެވެ.