ޤާނޫނު ނަންބަރު 2010/9 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު، ޤާނޫނު ނަންބަރު 2007/5) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމް ހުސްވެފައިވާތީ، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ ތެރެއިން، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަންގެ ރައީސްގެ މަޤާމަށް، މއ. ކިނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 60 މެންބަރުންގެ އިއްތިފާޤުންނެވެ.
މީގެއިތުރުން 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ފާސްކުރައްވާފައިވާ ލޯނުތަކުގައި ހިމެނޭ “ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 15،000،000 (ފަނަރަ މިލިއަން) ޔޫ.އެސް ޑޮލަރަށްޖެހޭ އިސްލާމިކް ދީނާރު ލޯނު” ގެ މަޝްރޫޢާބެހޭ ތަފްސީލުގައި ހދ. ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ހިމެނިފައިވަނިކޮށް، އެ މަޝްރޫޢުއިން އެރަށް އުނިކުރައްވައި، އެރަށުގެ ބަދަލުގައި ހދ.ނޮޅިވަރަންފަރު ހިމަނުއްވާފައިވާތީ، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 39 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވާއިރު 11 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 އޯގަސްޓްވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
20 އޮގަސްޓް 2013