މ.އުނިމާގެ ފާޠިމަތު ރީނީ ޢަބްދުއްސައްތާރު ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށް ފާސްކުރައްވައިފި

 14 އޯގަސްޓް 2013 ގައި އިޞްލާޙުކުރެވިފައި –

CHR_3303 ޤާނޫނު ނަންބަރު 5/2007 ( ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް ކުރި އިއުލާނަށް އިޖާބަދެއްވައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން މ.އުނިމާގެ ފާޠިމަތު ރީނީ ޢަބްދުއްސައްތާރު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މިއަދު އައްޔަނުކުރެއްވުމަށް ފާސްކުރައްވައިފިއެވެ.  މިނަން ފާސްކުރައްވާފައިވަނީ 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިމަޤާމް ހުސްވެފައިވަނީ 20 ނޮވެމްބަރ 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ގ. ކޮއްކިރި މުޙައްމަދު ފަޙުމީ ޙަސަން ސިވިލް ސަރވިސްގެ މެންބަރު ކަމުން ވަކިކުރައްވައިފައިވާތީއެވެ. އަދި، 10 އޭޕްރީލް 2013 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި އެމަޤާމަށް މީހަކު ޢައްޔަނުކުރުމުގެ ކަންތައްތައް ގެންދިއުމަށް ފާސްކުރައްވާފައިވެއެވެ. މިގޮތުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންވެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައިވަނީ 5 އޯގަސްޓް 2013 ގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވަނީ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަޤާމަށް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.