ބަންޑާރަ ނައިބަށް ރުހުން ދިނުމުގެ މައްސަލަ 31 ޖުލައި 2013 ދުވަހު ޖަލްސާގައި އެޖެންޑާކުރުމަށް މިއަދުގެ ޖަލްސާގައި އިޢުލާން ކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ބަންޑާރަ ނައިބަށް ރުހުންދިނުމުގެ މައްސަލަ 31 ޖުލައި 2013 ވާ ބުދަ ދުވަހު ބާއްވާ ޖަލްސާގައި އެޖެންޑާކުރުމަށް ރިޔާސަތުން އިއުލާން ކުރައްވައިފިއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.

އަދި ބަންޑާރަ ނައިބުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ޢާއިޝަތު ޢާޒިމާ ޝުކޫރަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ ބެހޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު ޢިއްޒަތްތެރި މެންބަރުންނަށް ރިޔާސަތުން ފޮނުއްވާފައިވާކަން އިއުލާންކުރެއްވިއެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަނުކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމައްޓަކައި އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.