ޑީ.އާރް.ޕީ ގައި ހިމެނިވަޑައިގެންނެވި ފެލިދޫ ދާއިރާގެ މެންބަރު ޕާޓީން ވަކިވެވަޑައިގެންނެވިކަން މިއަދުގެ ޖަލްސާގައި ޢިއުލާނުކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ)ގެ ދަށުން ދިވެހިރައްޔިތުންގެ ޕާޓީ ވަކިވެވަޑައިގެންފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ މެންބަރަކު ހުރި ޕާޓީއިން ވަކިވީކަމުގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ފޮނުވަން ވާނެއެވެ. އަދި އެ މެންބަރަކު ބަދަލުވި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އެ މެންބަރަކު އެ ޕާޓީއާ ގުޅިއްޖެކަން އަންގައި އެކަން ލިޔުމަކުން މަޖިލީހުގެ ރައީސަށް އަންގަންވާނެއެވެ. އަދި އެ މެންބަރަކު ހުރި ޕާޓީއިން ވަކިވެ އެހެން ޕާޓީއެއްގެ މެންބަރަކަށް ވީކަން ކަށަވަރު ކޮށްދޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ހުށަހަޅަންވާނެއެވެ.
މިއައި ބަދަލާއި ގުޅިގެން، މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މެންބަރުންގެ ޢަދަދަކީ 33 ކަމަށާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް މެންބަރުންގެ ޢަދަދަކީ 19 ކަމަށާއި ދިވެހިރައްޔިތުންގެ ޕާޓީގެ މެންބަރުންގެ ޢަދަދަކީ 10 އެއްކަމަށާއި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ޢަދަދަކީ 4 ކަމަށާއި ޤައުމީ ޕާޓީގެ މެންބަރުންގެ ޢަދަދަކީ 1 ކަމަށް އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ޢަދަދަކީ 10 އެއްކަމަށް ރިޔާސަތުން މިއަދު އިޢުލާންކުރައްވާފައިވެއެވެ.