މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދެވަނަ 15 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް 9 ޖުލައި 2013 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އާމާލް އަލީގެ ނަންފުޅު މަޖިލީހަށް އިއްވަވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލިހުން ބަލައިގަނެ، ސަރުކާރު މައްސޫލިއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ހަވާލުކުރާ ކަންތައްތަކާއި މި ޤާނޫނު އަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާނެއެވެ.
ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ ވަޒީރުންގެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަނުކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަނުކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމައްޓަކައި، އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ.
އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވައި، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާ ކޮމިޓީއަށްވަނީ ފޮނުއްވާފައެވެ. މިމަޤާމަށް ހުށަހަޅުއްވާފައިވާ ފަރާތަކީ އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމްއެވެ.
މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހަށް އެ ލިޔުން ލިބުމުން، ރައްޔިތުންގެ މަޖިލީހުގައި އެކަމެއް ޢިއުލާންކުރުމައްފަހު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓިގެ ތެރެއިން އެ މައްސަލައަކާއިގުޅޭ ދާއިމީ ކޮމިޓީއަށް އެމައްސަލަ ފޮނުއްވާނީއެވެ.