2 ބިލެއް މަޖިލީހުން މިއަދު ބަލައިގެންފި

DSC_0754

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ވެކޭޝަން ހޯމް ބިލާއި ލާޒިމު ޖޫރިމަނާގެ ޙައްގު ލިބިދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަންފިއެވެ.

ވެކޭޝަން ހޯމް ބިލަކީ ވެކޭޝަން ހޯމްގެ ވިޔަފާރިކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާ އުސޫލުތަކާ، ވެކޭޝަން ހޯމާއި ގުޅޭގޮތުން ކޮންސިއުމަރުންނަށް ލިބިދޭ ޙައްގުތަކާ، ވެކޭޝަން ހޯމް ރަޖިސްޓްރީކުރުމާ އަދި ހިންގުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ބިލަށް ޖުމްލަ 14 މެންބަރުން މިއަދު ބަހުސް ކުރައްވާފައިވެއެވެ. ވެކޭޝަން ހޯމް ބިލު ބަލައިގަނެފައިވަނީ 39 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލު ދިރާސާކުރެއްވުމަށް ވަނީ އިޤްތިސާދީ ކޮމިޓީއަށް ފޮނުވިފައެވެ.

ލާޒިމު ޖޫރިމަނާގެ ޙައްގު ލިބިދިނުމުގެ ބިލަކީ ދިވެހިރާއްޖޭގައި މުދާ ވިއްކާ ފަރާތްތަކަށް ލިބެންޖެހޭ މުދަލުގެ އަގާއި ޚިދުމަތްދޭންޖެހޭ ފަރާތްތަކަށް ލިބެންޖެހޭ ޚިދުމަތުގެ އަގު، އެއަގު އަދާކުރަންޖެހޭ ދުވަހަށް އަދާ ނުކުރުމުން، އެއަގު އަދާނުކޮށް ފާއިތުވާ ދުވަސްތަކަށް ޖޫރިމަނާއެއްނެގުމުގެ ޙައްގު މުދާ ވިއްކާ ފަރާތްތަކަށާ ޚިދުމަތްދޭ ފަރާތްތަކަށް އުފައްދައިދީ، ކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ. މި ބިލަށް މިއަދުގެ ޖަލްސާގައި 2 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. ލާޒިމް ޖޫރިމަނާގެ ޙައްޤު ލިބިދިނުމުހެ ބިލު ބަލައިގަނެފައިވަނީ 40 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު  ވޯޓް ދެއްވާފައިނުވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިބިލު ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އަލުން ކޮމިޓީއަކަށް ފޮނުއްވުމަށް ހުށަހެޅިފައިވާ ހުށަހެޅުން ވޯޓަށް އެއްސެވުވުމުން 20 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 17 މެންބަރުންނެވެ. 2 މެންބަރުން ވަކިފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 23 ޖުލައި 2013 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި މަޖިލީސްކުރާ ގޭގައެވެ.