ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ސަރުކާރު މައްސޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވައި އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

DSC_0133

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަޤާމަށް 1 ޖުލައި 2013 ވީ ހޯމަ ދުވަހު، މ. އާސްތާނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަނުކޮށްފައިވާތީ، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ، ސަރުކާރު މައްސޫލިއްޔަތު އަދާކުރައްވާ މިންވަރު ބަލާ ކޮމިޓީއަށް މަޖިލީހުން މިއަދު މިމައްސަލަ ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށްގެންދެވިއެވެ. މިމައްސަލައަކީ ރޭ ދަންވަރު 2:30 ހާއިރު ލ. މުންޑޫ އިސްމާއިލް ނިޒާރު  ނަމަކަށް ކިޔާ  31 އަހަރުގެ ޒުވާނަކު، ލ. ގަމު މުކުރިމަގުގައި ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އޭނާއަށް ބަޔަކު ކޮންމެވެސް އެއްޗަކުން ހަމަލާދީ، ގަސްތުގައި މަރާލާފައިވާތީ، މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމައްޓަކައި ހުށަހެޅިފައިވާ މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 25 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައިނުވާއިރު އެއްވެސް މެންބަރަކު ނުފެންނަކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ. އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސް ވަގުތު ހަމަވުމުން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 22 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 28 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު އިއްވެވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ޖުލައި 2013 ވާ އަންގާރަ ދުވަހު  10:30  ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.