އިޤްތިޞާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސުންގަޑި ހަމަވެފައިވާ ބިލުތަކަށް ސުންގަޑި ކަނޑައެޅުއްވުން ކުރިއަށް ގެންދަވައިފި

މިއަދު ހެނދުނު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ސުންގަޑި ހަމަވެފައިވާ 4 ބިލަކަށް ސުންގަޑި ކަނޑައެޅުއްވުން ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން މިއަދުގެ ބައްދަލުވުމުގައި، ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަނުގެ ބިލު، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލު، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު އަދި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގެ ސުންގަޑި ކަމަށް ކަނޑައެޅުއްވާފައިވަނީ 31 ޖުލައި 2013 އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއެވެ.