މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގައި، 2013 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓްގް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރޭގައި ބިންހިއްކުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރޭގައި ނުހިމެނޭ ހަތަރު ރަށްކަމުގައިވާ ސ. ހިތަދޫ، ސ.މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދޫ، ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ބިންހިއްކުމަށް ބީލަމަށް ހުޅުވާލާފައިވާ މައްސަލަ އާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މަޢުލޫމާތު ދެއްވިއެވެ. މިގޮތުން، މިމަސައްކަތް ކުރިއަށް ގެންދުވުމުގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ހިލާފް އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށާއި އަދި އެމަސައްކަތް ކުރިއަށް ގެންދަވާނީ އެޓާރނީ ޖެނެރަލްގެ ފުރިހަމަ މަސްވަރާއާއި އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ޗައިނީޒް އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 700 ފްލެޓްތަކުން ލިބޭ އާމްދަނީ ޕްލެޖްކޮށްގެން އަތޮޅުތަކުގެ 4 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތުގެ އަގު އަދާ ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި އެގްރިމެންޓް ކޮށްފައިވާތީ، އެ މައްސަލައާއި ގުޅޭ ގޮތުން މެންބަރުން ސާފުކުރެއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުތައް ކޮމިޓީއާ ޙިއްސާކުރެއްވިއެވެ. އަދި އެކަމާ ގުޅޭ މަޢުލޫމާތު ތައް ކޮމިޓީއަށް ފޮނުވާނެ ކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ނައިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.