ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ދެއްވައިގެން ވަޒީރަކަށް ރުހުން ނުދޭން ނިންމުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ފުރިހަމަ ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ބާރުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭއިރު އެފަދަ ކަންތައްތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް މިއަދު، 1 ޖުލައި 2013 ގައި ހަވީރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީޤްވަނީ ވިދާޅުވެފައެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީޤް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ޢަމަލުކުރައްވާފައިވަނީ މިވޭތުވެދިޔަ ހަތަރު އަހަރުގައިވެސް މަޖިލީހުގެ ރިޔާސަތުން ޢަމަލުކުރައްވާފައިވާ އުޞޫލާ އެއްގޮތަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކީވެސް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، މަޖިލީހުގައި ނަންގަވާ ވޯޓުތަކުގައި، މަޖިލީހުގެ ރިޔާސަތުން ވޯޓުދެއްވުމުގައި ޢަމަލުކުރައްވަމުން އައިސްފައިވަނީ އެ ޕާޓީގެ ފިކުރާ އެއްގޮތަށެވެ. އެގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވޯޓުދެއްވުމުގައި ޢަމަލުކުރައްވާފައިވަނީ ޕާޓީ ފިކުރާ އެއްގޮތަށެވެ. އަދި މިއީ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ޢަމަލުކުރާ އުސޫލު ނޫންކަމަށް ވިދާޅުވުމަކީ، އެބޭފުޅަކު ރިޔާސީ ނިޒާމެއްގެ އުސޫލުތަކަށް ނުފަރިތަކަމުން ވިދާޅުވާ ވިދާޅުވުމެއްކަމަށް ދެކެމެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގައި، މަޖިލީހުގެ ރިޔާސުން އަބަދުވެސް ވޯޓު ދެއްވާނީ އެއިރެއްގެ ރިޔާސަތެއް ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެއްގެ ފިކުރާ އެއްގޮތަށެވެ.

މިއަދު މަޖިލީހުގައި ނެންގެވި ވޯޓުގައި މަޖިލީހުގައި ރިޔާސަތުން ވޯޓު ދެއްވަން ޖެހިވަޑައިގަތީ، މަޖިލީހުގައި ހިމެނޭ ސަރުކާރުގެ ބައިވެރިންގެ އެއްބާރުލުމާއި ތާއިދު ސަރުކާރަށް ލިބިފައިނުވާތީއެވެ. ކަންމިހެން އޮތްއިރު، “ދައުލަތުގެ އެއްބާރުގެ އެންމެ އިސްވެރިޔަކަށް ހުންނެވި ބޭފުޅަކު ވޯޓު ދެއްވައިގެން މިގޮތަށް ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް ކަންތައްތައް ކުރުމަކީ” ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މިއަދު ހަވީރު ނޫހަށް ދެއްވި އިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީޤް ވިދާޅުވުމަކީ، އެއްވެސް ބެއްލެވުމެއްނެތި، ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވިދާޅުވެފައިވާ ވިދާޅުވުމެކެވެ.

1 ޖުލައި 2013