މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 51 ވަނަ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސައްކަތުގެ ދާއިރާ ބަދަލުވެފައިވާތީ، މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާސިމް އަޙްމަދު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަލްއުސްތާޛާ އައިޝަތު އާޒިމާ ޝުކޫރު އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކެބިނެޓް ސެކްރެޓަރީ ޢަބްދުﷲ ނަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ކެމްޕެއިން ޖަގަހަތަކަށް ތަކުރާރުކޮށް ބަޔަކު ގެއްލުންދެމުންދާތީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން މިކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭތީ ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސް ގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްފާޟިލް ޙުސައިން އަސީތު (ޑެޕިއުޓީ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް)، އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އޮނަރަބަލް އަލްފާޟިލް އަޙްމަދު ޝަފީއުއާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިބު މުޤައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތުލުސްދޫ ދާއިރާގެ މެންބަރު ވިސާމް އަލީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙްއެވެ.