މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި، ހދ. ނޮޅިވަރަމު ކައުންސިލުން ދޫކޮށްފައިވާ 172 ގޯތީގެ މައްސަލައާއި މެދު ވަކި ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. މި މައްސަލައަކީ، މި ގޯތިތައް ބެހުމަށްފަހު، ގޯތީގެ ހައްޤު ވެރީންނަށް ހަވާލުނުކޮށް ހިފަހައްޓާފައިވާތީ، މިއީ ނޮޅިވަރަމު ކައުންސިލަށް ލިބިފައިވާ ހައްޤެއް ނޫންކަމަށް ދަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. ވީމާ، މި މައްސަލަ ދިރާސާކޮށް ނިންމެވުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، މި ގޯތިތަކުގެ ހައްޤުވެރީންނަށް ގޯތިތައް ހަވާލުކުރުމަށް އަމުރެއް ނެރުމަށް ހުށަހެޅި ހުށަހެޅުމަށް މިއަދުގެ ކޮމިޓީއަށް ހާޒިރު ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސައްކަތުގެ ދާއިރާއަށް ބައެއް ބަދަލު ގެންނަވާފައިވާތީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ފޮނުއްވާފައިވާތީ، މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރިއަށްގެންދެވިއެވެ. އަދި މި މައްސަލައާ މެދު ވަކި ގޮތެއް ނިންމެވުމުގެ ކުރިން، އެ މިނިސްޓްރީއަށް ގެންނަވާފައިވާ ބަދަލުތަކާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރާއި، ކެބިނެޓް ސެކްރެޓަރީ އަދި ޖެންޑަރ މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 6 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓުން ފާސްވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙަންމަދު ސާލިޙް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާއެވެ.