މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 33 ވަނަ ބައްދަލުވުން ބާއްވައިފި

DSC_0777 މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 33 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް، އެ ކުންފުނިން ހެރެތެރެ ރިސޯޓް ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމުގެ މަޢުލޫމާތު ކޮމިޓީއަށް ލިބިވަޑައިގެންފައިވާތީ، މިކަމާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބައެއް ބޯޑު މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ހެރެތެރެ ރިސޯޓް ވިއްކާލުމުގެ މަސައްކަތުގެ ތެރެއިން ބިޑިންގެ ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްޞީލާއި، ކުންފުނީގެ މާލީ ޙާލަތުގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެމް.ޓީ.ޑީ.ސީގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް މަސައްކަތްކުރިއަށް ގެންދެވި ސަބަބާއި ގުޅޭ ގޮތުން، ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ކުންފުނީގެ ބޯޑު މެންބަރުންނާއި އަދި ކުންފުނީގެ އިސްވެރިން ޖަވާބުދެއްވާފައިވެއެވެ. ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި މިމައްސަލައަށް މަޝްވަރާކުރައްވަމުން ދަނިކޮށް،  ނިޒާމް ގެއްލުމުގެ ސަބަބުން، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

      ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޒް ރަޝީދުއެވެ.