3 ވަޒީރަކަށް ރުހުން ދިނުމާބެހޭ މައްސަލަ އަންނަ ހަފްތާގެ ހޯމަ ދުވަހަށް އެޖެންޑާ ކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ 3 ވަޒީރެއްގެ ރުހުން ދިނުމާބެހޭ މައްސަލަ 1 ޖުލައި 2013 ވާ ހޯމަ ދުވަހަށް އެޖެންޑާ ކުރުމަށް ހަމަޖައްސައި އެކަން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން މިއަދު އަންގަވައިފިއެވެ.

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ 3 ވަޒީރުންނަކީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް އަމީން އިބްރާހީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމްއެވެ.

މިމައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވިއިރު ކޮމިޓީން ނިންމަވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި އަލްފާޟިލް އަމީން އިބްރާހީމްއަށް ރުހުން ދިނުމަށް ފެންނަކަމަށެވެ. އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމްއަށް ރުހުން ދިނުމަށް ނުފެންނަކަމަށެވެ.

މިމައްސަލަ އެޖެންޑާ ކުރުމަށް ކުރިން ގަސްކުރައްވާފައިވަނީ 26 ޖޫން 2013 ވާ ބުދަ ދުވަހުއެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހަށް މިމަސައްލަ އެޖެންޑާ ކުރާ ގޮތަށް ހަމަޖައްސާފައި މިވަނީ މަޖިލީހުގައި ހިމެނޭ ގިނާ ޕާޓީތަކުން އެމައްސަލަ އެޖެންޑާ ކުރުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސް ކޮށްދިނުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

3 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަންނަ ބުދަދުވަހަށް އެޖެންޑާ ކޮށްފިކަމަށް ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެފައިވަނީ ޙަޤީގަތާ އެއްގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކުރުމަށް އެއްވެސް ކަމެއް އެޖެންޑާ ކޮށްފި ކަމުގައި ބެލެވޭނީ އެޖަލްސާއެއްގެ ރަސްމީ އެޖެންޑާ މަޖިލީހުގެ އިދާރާއިން ޝާއިޢު ކުރުމުންނެވެ. ވަކި ދުވަހަކަށް ވަކި ކަމެއް އެޖެންޑާ ކުރާނެ ކަމުގެ މަޢުލޫމާތު މެންބަރުންނަށް އެރުވުމަކީ ވަކި ކަމެއް އެޖެންޑާ ކުރީ ކަމުގައި ބެލެވޭނެ ކަމެއް ނޫނެވެ. މަޖިލީހުގެ ޖަލްސާއަކަށް ވަކި ކަމެއް އެޖެންޑާ ކުރާނެ ކަމުގެ މަޢުލޫމާތު ދުރާލާ މެންބަރުންނަށް އެރުވުމުގެ ބޭނުމަކީ އެމައްސަލައަކަށް މެންބަރުން ދުރާލާ ތައްޔާރުވުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (އ) ގައިވެސް ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހެޅޭ މައްސަލަތަކުގައި މަޖިލީހުގައި ވޯޓެއް ނަގަންވާނީ އެމައްސަލައިގެ ރިޕޯޓް މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށްފަހު ސާފު 3 ދުވަހުގެ މުއްދަތު ދިނުމަށްފަހުގައި ކަމަށް ބަޔާން ކޮށްފައިވެއެވެ.

23 ޖޫން 2013