ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ނ.މިލަދޫ ކައުންސިލާ ގުޅިގެން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ.މިލަދޫ ކައުންސިލްގެ މެންބަރު (ނަސްރުﷲ މުޙަންމަދު) ގެ ކިބައިން ނިގުޅައިގަނެފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ނ.މިލަދޫ ކައުންސިލާ ގުޅިގެން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ.މިލަދޫ ކައުންސިލްގެ މެންބަރު (ނަސްރުﷲ މުޙަންމަދު) ގެ ކިބައިން ނިގުޅައިގަނެފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 29 މެންބަރުން ވޯޓް ދެއްވިއެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށްވެސް ވޯޓް ދެއްވީ 29 މެންބަރުންނެވެ. ވޯޓް ހަމަހަމަވުމާއިގުޅިގެން، ފާސްކުރައްވާފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ރިޔާސަތުން ވޯޓުގައި ބައިވެރިވެވަޑައިގެން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވުމުންނެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރައްވާފައިވެއެވެ.

މިމައްސަލައަކީ ސިސްޓަމް އެރާއެއް ކަމަށް ބުނެ ފާއިތުވި 2 މަސްދުވަހުގެތެރޭ ސަރުކާރުން ބަންގްލަދޭޝްގެ 4000 މީހުން ރާއްޖެއަށް ގަވާއިދާއި ހިލާފަށް އެތެރެކުރި ކަމަށް ބުނެ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 19 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 5 މެންބަރުން ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން، ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 23 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރައްވާފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 22 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައި ނިންމަވާލައްވާފައިވެއެވެ. މިބިލަށް މިއަދު ޖުމްލަ 19 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ޖޫން 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 މަޖިލީސްކުރާ ގޭގައެވެ.

10 ޝަޢުބާން 1434

19 ޖޫން 2013