ގަވާއިދު ކޮމިޓީގެ ސަބް ކޮމިޓީ (ބީ) ގެ 5 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ ސަބް ކޮމިޓީ (ބީ) ގެ 5 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާ ދެމެދު ތަޢާރުޒްވާތީ އެކަން ބައްލަވައި ދެއްވުމަށް އެދި މާލެ ސިޓީ ކައުންސިލްއިން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްއިން ފޮނުވާފައިވާ ސިޓީގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައިވާތީ، ހައި ކޯޓުގައި އެ މައްސަލަ ކުރިއަށްދޭތޯ ބެއްލެވުމަށް ނިންމެވިއެވެ.

އެއަށްފަހު، މިއަދުގެ ބައްދަލުވުމުގައި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާއިބެހޭ ގަވާއިދުގެ 44 ވަނަ މާއްދާ ބާޠިލުކުރުމަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.