އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 53 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި އާބިޓްރޭޝަނުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މަޖިލީހުން ގެންނެވި 2 އިޞްލާޙާއެކު ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރެއްވީ 56 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން، މުޒާހަރާތަކުގައި ކުލައާއި، ގައިހިރުވާ ފަދަ ކެމިކަލެއް، އެ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޖަހާނެކަމަށް ބުނެފައިވާތީ، މިކަން ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވަން ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް ފާސްކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ނ.މިލަދޫ ކައުންސިލާ ގުޅިގެން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ހައްޤު، ނ.މިލަދޫ ކައުންސިލްގެ މެންބަރު (ނަސްރުﷲ މުޙަންމަދު) ގެ ކިބައިން ނިގުޅައިގަނެފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްއަށް ބަހުސް ކުރައްވައި ނިންމަވާލެއްވުމުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ޖޫން 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 މަޖިލީސްކުރާ ގޭގައެވެ.

8 ޝަޢުބާން 1434

17 ޖޫން 2013