ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަޤާމުން، ރައްޔިތުންގެ މަޖިލީހުން އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ވަކިކުރައްވާފައި ވަނިކޮށް އޭނާ ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ބާއްވަވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ފޮނުއްވި ސިޓީގައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްކަމުގައި ވިދާޅުވެ އެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން 20 ނޮވެމްބަރ 2012ގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކުރައްވާފައި ވާކަމުގައިވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ނިންމެވުން 21 ނޮވެމްބަރ 2012ގައި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާނޭ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީގައި ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ނިންމެވިއިރު ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު އާއި އެކަމަނާއަށްފަހު ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އަލްއުސްތާޛާ ޢާއިޝަތު ބިޝާމްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަޤާމް މިވަގުތު ހުސްވެފައިވުމާއެކު އެމަޤާމުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަންއަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމުގައި ވިދާޅުވެފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ބައިވެރިވެވަޑައިގެން ބާއްވާ އެ ކޮމިޝަންގެ ޖަލްސާތައް ޤާނޫނީ ގޮތުން ޞައްޙަ ނުވާނެ ކަމަށްވެސް ބަންޑާރަ ނައިބު ކަމަށް ޢައްޔަން ކުރައްވާފައިވާ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް 4 ޖޫން 2013 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި ވިދާޅުވެފައިވާކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައި ގަންނަވަމުންދަނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ޙައިސިއްޔަތުން ކަމުގައިވާތީއާއި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައިވާތީ އޭނާ ބައިވެރިވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޤާނޫނީ ޞައްޙަ ކަމާމެދު ދައުލަތުގެ ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވަކިގޮތެއް ހާމަ ކުރައްވާފައިވަނިކޮށް އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އިންތިޒާމް ކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިސިޓީގައި ވިދާޅުވެފައިވެއެވެ.