މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 26 ވަނަ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަންގެ އޯވަރ ޑްރާފްޓް ފެޝިލިޓީގެ ގެ ގެރެންޓީގެ މުއްދަތު 30 މާޗް 2014 ގެ ނިޔަލަށް އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން، މާލިއްޔަތު ކޮމިޓީއިން ސްޓެލްކޯގެ ޗެއަރމަން އާއި އެ ކުންފުނީގެ އިސް ބޭފުޅުންނާއި މާލިއްޔަތު ކޮމިޓީއިން ބައްދަލުކުރެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއަށް މިހާރު ދިމާވެފައިވާ ދަތިތައް އެކުންފުނީގެ ފަރާތުން ހާމަކޮށްދެއްވާ އޯވަރ ޑްރާފްޓް ފެޝިލިޓީ، ބޭނުންވާ ސަބަބުތައް ޙިއްޞާ ކުރެއްވިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.