މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

Ibrahim Rasheedރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ)ގެ ދަށުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މިމައްސަލައަކީ ސަރުކާރުން ކިޑްނީގެ ބަލި މީހުންއަތުން ޑައިލިސިސް ހެދުމަށް ނަގާ ފީ 400 ރުފިޔާއިން 1000 ރުފިޔާއަށް ބޮޑުކުރުމާގުޅިގެން އެމީހުންނަށް އިތުރު ބައްޔެއް ޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް ގެނެސް، މިކަން ހުއްޓުވުމަށް ގޮވާލުން ކަމަށް ބުނެ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން، ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 22 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 23 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 ޖޫން 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

26 ރަޖަބު 1434

5 ޖޫން 2013